ދިރާސީ އާ އަހަރާއެކު ކްލާހުގައި ފޯނު ބޭނުންކުރުން މަނާވާނެ
އަވަސް
21 ޑިސެމްބަރު 2025 | އާދިއްތަ | 10:00
ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ކުރިއަށް އޮތ ދިރާސީ އަހަރާއެކު ތަންފީޒު ކުރުން ވަރުގަދަކުރަން ނިންމައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިރޭ ރެހެންދި ސްކޫލުގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގްރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދިއުމަކީ މިހާރުވެސް މަނާކޮށްފައި އޮންނަ ކަމެއް ކަމަށެވެ. އެކަން ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދާތީ ކުރިއަށް އޮތް ދިރާސީ އަހަރާ އެކު ގުރޭޑް 10 އިން ދަށުގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ނުގެންދެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގްރޭޑް 11 އަދި 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ އުސޫލެއް ހަމަޖެހިފައި އޮތް ނަމަވެސް ކިޔަވައިދޭ ވަގުތުތަކުގައި އެ ކުދިންނަށްވެސް ފޯނު ބޭނުންކުރުން މަނާވާނެ ކަމަށެވެ. "ގުރޭޑް 11، 12 ކުދިންނަށް ފޯނު ގެންދެވޭނެ. އެހެންނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން އެބަ ހޯއްދަވާ ލޮކާ ސިސްޓަމެއް. ސްކޫލުގައި ބަހައްޓަވާނެ ކްލާސްތަކުގައި ބަހައްޓަވާނެ އެ ލޮކާ ސިސްޓަމް. ބެހެއްޓީމަ ކްލާސް ގަޑީގަ އެއްވެސް ކުއްޖަކު ފޯނު ބޭނުން ނުކުރެވޭނެ. އެ ލޮކަރަށް ލާފައި ބަންދުކޮށްފައި، ކްލާސް ގަޑީގައި ފޯނު ބޭނުން ނުކޮށް، ކްލާސް ނިމުނީމަ ފޯނު އަތަށް ލިބޭ ގޮތަށް ބަދަލުކުރާނަން،" ރައީސް ވިދާޅުވި އެވެ. ފޯނުގެ މައްސަަލަ ރައީސް މުއިއްޒު ފާހަގަކުރައްވާފައި މިވަނީ އައްޑޫ ސިޓީގައި ހިންގާ ސްކޫލެއްގައި ދަރިވަރުންތަކެއް ކުލާހުގައި ފޯނު ހިފައިގެން އުޅެނިކޮށް ދިމާވި މައްސަލަތަކެއްގައި އާންމުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.