ސައުދީ އެމްބަސީގެ ފުރާޅަށް އެރި ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އަވަސް
22 ޑިސެމްބަރު 2025 | ހޯމަ | 10:37
ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފުރާޅު މައްޗަށް އެރި އުމުރުން 19 އަހަރުގެ ޒުވާނާގެ ބަންދަށް އިތުރު ތިން ދުވަސް ދީފި އެވެ.
އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި މަހުގެ 16 ވަނަ ދުވަހު ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެ ގޮތުން ހެކިންގެ ބަޔާނާއި ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސައުދީ އަރަބިއަން އެމްބަސީއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ކެމެރާ ފުޓޭޖް ހިމެނޭ ކަމަށް އޭނާގެ ބަންދާގުޅޭ ގޮތުން މިމަހުގެ 16 ވަނަ ދުވަހު ނެރުނު ބަންދު އަމުރުގައި ބުނެފަިއވެ އެވެ. މި މައްސަލައިގައި އޭނާ ވަނީ އެތަނަކީ ސައުދީ އެމްބަސީކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފަ އެވެ. އެފަދަ ނިޝާނެއް އިންކަން ފާހަގަ ނުކުރެވޭ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެތަނުގެ ފުރާޅަށް އެރީ އެތަނުގައި މީހުން ފޮޓޯ ނަގާފައި ހުންނަތަން ފެންނާތީ ފޮޓޯ ނެގުމަށެވެ. އެތަނަށް އެރުމުން މީހުން ބަލާތީ ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އިހުސާސް ކުރެވުނު ކަމަށާއި އެތަނަށް އެރުމަށްފަހު 10 ވަރަކަށް މިނެޓު ތެރޭގައި ފައިބައިފައިވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މީގެ ކުރިން ހައްޔަރުކޮށްފައި ނުވާ އެ ޒުވާނާ ވަނީ މިކަމުގައި މައާފަށްވެސް އެދިފަ އެވެ.