މާލީ ދާއިރާ ތަރައްގީ ކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި

އަވަސް

22 ޑިސެމްބަރު 2025 | ހޯމަ | 12:54

މާލީ ދާއިރާ ތަރައްގީ ކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ (އެންއެފްއައިއެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެންއެސްއެފްއާރް) އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕުން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިން ފަދަ ދާއިރާތަކަށް ވުނަކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި "ޕޭމަންޓް މޯލްޑިވްސް" ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. މިކުންފުނި އިފްތިތާހުކޮށް ދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަކީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ޚިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުމުގެ މަގުސަދުގައި މަރުކަޒީ ބޭންކުން އުފެއްދި ކުންފުންޏެކެވެ.

މައުޟޫޢުތަށް