ރައީސް ނަޝީދާއި ޝާހިދު ބައްދަލުކުރައްވައިފި
އަވަސް
22 ޑިސެމްބަރު 2025 | ހޯމަ | 10:00
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން މިރޭ ކުރިއަށް ދިޔައީ އަބްދުﷲ ޝާހިދުގެ ގެކޮޅު -- ހ. ރަބީއުގޭގައެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ. ރައީސް ނަޝީދާއި ޝާހިދު ބައްދަލުކުރައްވާފައި މިވަނީ ކުރިއަށް އޮތްް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަ ވެފައި ވަނިކޮށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ރައީސް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވިދާޅުވެފައިވެ އެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ވާދަވެރިކަން އަނެއްކާވެސް އެމްޑީޕީގެ ތެރޭގައި ގަދަވެފައިވާއިރު ޝާހިދު އަދި ވަކިކޮޅެއް ނެންގެވި ކަމެއް އެނގިފައެއް ނުވެ އެވެ.