އަލީ އާޒިމުގެ ބޮޑެތި ޝަކުވާތަކެއް
އަވަސް
22 ޑިސެމްބަރު 2025 | ހޯމަ | 5:00
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެލުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީ އިންތިޒާމު ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ އެމްޑީޕީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށްޓަކައި ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޝަކުވާތަކެއް ހުށަހަޅުއްވައިފި އެވެ.
އާޒިމުގެ ޝަކުވާތައް ސިޓީއެއްގެ ގޮތުގައި ފޮނުއްވާފައިވަނީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފަށެވެ. އާޒިމުގެ ސިޓީގައި ވިދާޅުވީ އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓްލެވޭ ރަށްތަކާއި ސިޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަންހިނގާފައިވާ ގޮތާއި އަދި އިދާރީ ގޮތުން ޕާޓީގެ އިންތިހާބާ ބެހޭ ގުނަންތައް ހަރަކާތްތެރިވަމުން އަންނަ ގޮތުން އެކަމަކީ އޭނާގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަންކަން ކަމަށް ދެކޭތީ އެފަދަ ކަންކަން ސަމާލު ކަމަށް ގެންނަ ކަމަށެވެ. އާޒިމު ފާހަގަކުރި އެއް ކަމަކީ ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު ޕްރައިމަރީގެ ކުރީ ތާރީހަކަށް ބަންދުކުރެވޭ ގޮތަށް ކަނޑައަޅާ އާންމުކުރުމެވެ. އެގޮތަށް އަމަލު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެގޮތަށް ޕާޓީން އަމަލުކުރާނަމަ ޕްރައިމަރީގައި ވޯޓްލެވެންވާނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ކަމަށް ދެކޭ ކަމަށްވެސް ވިދާޅުވި އެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަންވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި މިހާތަނަށް އަމަލުކުރަމުން އައި ގަވާއިދު ގައުމީ މަޖިލީހަށް ނުގެންގޮސް ކުއްލިއަކަށް ބަދަލުކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ. ޕްރައިމަރީގެ ކަންކަން ބަލައި ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް، މޭޔަރ ކެންޑިޑޭޓް އާޒިމަށް ތާއީދު ހޯދުމަށް މީހުންނަށް ގުޅަމުންދާ ކަން ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން އިންތިހާބާ ބެހޭ ކޮމެޓީގެ އިދާރީ މަސައްކަތްތައް ކުރަމުންދާ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު ޕްރައިމަރީގެ ކަންކަން ހިންގުމަށް އިނުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ. މުއިއްޒު ވަނީ އާދަމް އާޒިމަށް ކެމްޕޭން ކޮށްދިނުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކޮށްފައި ކަމަށާއި އަދި މުއިއްޒަކީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާ މީހެއް ކަމަށްވެސް ފާހަަގަކުރައްވާފައިވެ އެވެ. އެހެން ކަމުން އާދަމް އާޒިމަށް ރިޕޯޓް ކުރަންޖެހޭ ވަޒީފާއެއްގައި ހުރި މީހަކަށް ވަކި ފަރާތަކަށް ބުރަނުވެ މަސައްކަތް ކުރުމަކީ ހަމަ ބުއްދިން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކޮމިޓީން ތަނާޒުލްވާން ޖެހޭ ކަަމަށް ދެކޭ ކަމަށް އާޒިމްގެ ސިޓީގައިވެ އެވެ. އަދި އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު ޝާތިރު އަބްދުއްރަހްމާން އަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ވާހަކަ ދައްކަމުން އަންނަ މީހެއް ކަމުން އޭނާ އަކީވެސް ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވިދާނެ މީހެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް ސިޓީގައިވެ އެވެ. އެހެންކަމުން އެ މައްސަަލަތައް ސީރިއަސްކޮށް ބަލައި ރަނގަޅުކޮށް އަވަސް ފަރުވާ ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.