މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަކުރާކަށް ނުޖެހޭ: ނަޝީދު

އަވަސް

23 ޑިސެމްބަރު 2025 | އަންގާރަ | 10:00

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރަން ނުޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ކ. މާފުށީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް ރަސްމިއްޔާތެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ހިތްހަމަޖެހިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މާފުށި "ހާޓް އޮފް މޯލްޑިވްސް"ގެ ނަމުން ބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިވަގުތު ހަމަޖެހިފައިވާ ގޮތުން ރިސޯޓު ތަކުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި "ވިއްކާ ތަކެތި" ރަށްރަށުގައި ހުންނަ ބޮޑެތި ހޮޓާތަކުން ނުލިބުމަކީ ބޭއިންސާފެއް ކަމަށެވެ. ރައީސް ނަޝީދުގެ އެ ވާހަކަފުޅުގެ މާނައަކީ ރަލާއި އޫރުމަސް ހުއްދަކުރުމަށް ވަކާލާތު ކުރުން ކަމަށް ބުނެ ބައެއް އާންމުން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ފާޑުކިޔުންތަކުގެ ދިފާއުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދައްކާ ވާހަކަ ސާފުސާދާ ދިވެހި ބަހުން ދައްކާއިރުވެސް ކަނޑައެޅިގެން އިދިފުށަށް ދޮގު މާނައާއި ތަރުޖަމާ އީޖާދުކޮށްގެން މީސްމީހުންނަށް ގެއްލުންދޭން އުޅުމަކީ ކަންބޮޑުވުން ހުރި ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ރިސޯޓުތަކުގައި ލިބޭ އެހެނަސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި އެއްޗަކީ ރަލާއި އޫރުމަސް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. "މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ނުސީދާ ގޮތަކަށް ރައްދުދެެއްވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. ބައެއް ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ބަނގުރަލުގެ ބާވަތްތައް ބޭލުމުގެ މައްސަލަތައްވެސް ދޭތެރެއަކުން ފެންމަތިވަމުންދާތީ އެކަމަށް ހައްލު ގެނައުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ލޯކަލް ރަށްރަށަކަކީ ޑްރައި ޓޫރިޒަމެއް. [މީހުން ދިރިއުޅޭ ރަށްރަށުގައި] އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ،" ތޯރިގު ވިދާޅުވި އެވެ.

މައުޟޫޢުތަށް