ޕާޓީގެ ރައީސްގެ ގޮތުގައި ހުރެ ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: ޝާހިދު
އަވަސް
23 ޑިސެމްބަރު 2025 | އަންގާރަ | 8:00
ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް ތާއީދު ކުރައްވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޝާހިދާ ބައްދަލުކުރައްވާފައި ވަނިކޮށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރާ ހުރިހާ ކެންޑިޑޭޓުންނާ އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ. "މާތް اللهގެ ހެޔޮ ރަހްމަތްފުޅުން މި އިންތިހާބު އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.