ރައީސް، ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއާ ބައްދަލުކުރައްވައިފި

އަވަސް

23 ޑިސެމްބަރު 2025 | އަންގާރަ | 4:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ހިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށް ވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކުރެވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުގެ ހިޔާލުތައް ރައީސްއާއި ހިއްސާކޮށްފައިވެ އެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޓްކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ވިސްނަމުންދާ މުހިންމު ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ. ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާ ގޮތަށް، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ފާހަގަކުރި ކަންތައްތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެެވެ.

މައުޟޫޢުތަށް