"ޑިޖިޓަލް އިކޮނޮމީގެ ހިއްސާ ބޮޑުކުރުމުގައި ޒުވާނުންގެ ދައުރު މުހިއްމު"

އަވަސް

23 ޑިސެމްބަރު 2025 | އަންގާރަ | 11:00

ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އިގުތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ތަރައްގީގައި އަދި ޒުވާނުންގެ ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ. އިގްތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތު ކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަ ތިން ދާއިރާ ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މި ދާއިރާގެ ތަރައްގީއަށް ވަރަށް މުހިއްމު ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ޑިޖިޓަލް އިކޮނޮމީ އަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި "ރާއްޖޭގައި ވަރަށް ކްރިއޭޓިވް ކުދިން އެބަތިބި. ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދޭން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މި ދާއިރާއިން 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ވަރަށް ގިނަ ކަންތައްތައް ރޭވިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މުހިއްމު މަޢުޟޫއަކަށް ވެގެންދާނެ ކަމަކީ މޯލްޑިވްސް 2.0ގެ ނަމުގައި ސަރުކާރުން ފެށި ގައުމީ ޕްރޮގްރާމު ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް