"ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައި ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ"

އަވަސް

23 ޑިސެމްބަރު 2025 | އަންގާރަ | 11:00

ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، އެންމެ ބިނާކުރަނިވި، ދެމެހެއްޓެނިވި އަދި މާނަހުރި ގޮތުގައި މި ގައުމު ތަރައްގީކުރާނަމަ އެކަން ކުރަންޖެހޭނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތު މިނިސްޓްރީ ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ސެގްމަންޓްގައި ރައީސް ވިދާޅުވީ ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ގައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިން ކަމަށެވެ. މާދަމާ އުޖާލާ ކުރެވޭނީ މިއަދުގެ ޒުވާނުންގެ އަޑު އަހައިގެން ކަމުގައިވެސް ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމުގައި ނެޝަނަލް ޔޫތު ކޮންފަރެންސްގެ ހަ ގްރޫޕަކުން، ހަ ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. މި ޕްރެޒެންޓޭޝަންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކުރައްވައި އެކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާ ގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރެއްވި އެވެ. އަދި ދިމާވި އެކިއެކި ގޮންޖެހުންތަކާ އެކުގައިވެސް އެ ބޯޑުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ގެންދިޔަ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅު ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް