1.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 7:54
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އަންނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 380 މިލިއަން ރުފިޔާގެ ޓީބިލަކާއި އެޕްރީލް ހަ ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 169 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ. މީގެ އިތުރުން ޖޫން 29 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 60 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޑިސެމްބަރު 28، 2026 އަށް އަނބުރާ ދެއްކުމަށް ވިއްކާ 645.7 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.