ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭނަމަ ފިޔަވަޅު އަޅަނީ
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 10:03
ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭނަމަ ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްޤީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް، ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދައިން ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރުމަށް އެފަރާތްތަކަށް އެންގުމަށާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް މި އިއުލާނުގައި އެޗްޑީސީން ވަނީ އަންގާފަ އެވެ. އެ ތާރީހުގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެޗްޑީސީއާއެކު ވެފައިވާ ފްލެޓު އެއްބަސްވުން އުވާލެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ. މިފަދަ ކަންކަމުގައި އާންމުން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.