މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ
އަވަސް
27 ޑިސެމްބަރު 2025 | ހޮނިހިރު | 3:00
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރުގެ ގޮތުގައި ކުރިން ހުރި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން 94 ދައުވާ ސާބިތުވެއްޖެ އެވެ.
އެތައް ބަޔަކަށް ފްލެޓް ހަދައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ ޑިސެމްބަރު 13، 2023 ގައި މަންޑޭގެ މައްޗަށް ދައުލަތުން ޖުމްލަ 104 ދައުވާއެއް ކޮށްފައިވެ އެވެ. މީގެތެރޭގައި ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ހިމެނެ އެވެ. މަންޑޭގެ މައްޗަށް މިއަދު ސާބިތުވީ ޓެކުމުގެ 46 ދައުވާއާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މަންޑޭ އާއި ހަމަ މިމައްސަލަތަކުގައި ހިމެނޭ މަންޑޭގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށްވާ ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް މިއަދު ދައުވާތަކެއް ސާބިތުވި ނަމަވެސް އޭނާއާއި އެ ދެ މީހުންނަށް ހުކުމް ކުރުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް ސާބިތުވުމާ ގުޅިގެން މަންޑޭ އާއި ޖައިޝާން ވަނީ އަދަބު ކަނޑައެޅެންދެން ބަންދުކޮށްފަ އެވެ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. ކުރިން މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.