އެހެން ދީންތައް އޮންނަން ފެނޭތޯ ދިރާސާއެއް ނުކުރަން: އެޗްއާރްސީއެމް

އަވަސް

28 ޑިސެމްބަރު 2025 | އާދިއްތަ | 7:06

ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތައް އޮންނަން ފެނޭތޯ އެއްވެސް ދިރާސާއެއްގައި ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން މިހެން ބުނީ އެ ކޮމިޝަނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި އެޗްއާރްސީއެމުން ބުނީ އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތީން ކަމަށެވެ. އެ ގޮތުން ކޮމިޝަނުގެ ފަރާތުން އެ ހާލަތްތަކާއި ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކުގެ އިމުގެ ތެރޭގައި ކަމަށް ޔަގީންކަން އަރުވާ ކަމަށް ބުނެފަ އެވެ. ހުރިހާ ވަގުތަކު ހުރިހާ ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީއަތާއި އިސްލާމްދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަހަތުތައްކަން ޔަގީންކޮށް އަރުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް