ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފިޔަވަޅުތަކެއް
އަވަސް
28 ޑިސެމްބަރު 2025 | އާދިއްތަ | 11:49
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮ ގޮތުގައި ބައްޓަންކުރުމަށްޓަކައި ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކޮށް ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. "މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށާއި މި ހުރިހާ ކަންކަމެއްގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުން ދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.