މިލިއަނުން ފައިސާގެ މުއާމަލާތް ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި
އަވަސް
29 ޑިސެމްބަރު 2025 | ހޯމަ | 7:31
ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތު ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ލައިސެންސް ނުނަގާ ވިޔަފާރިކުރުމުގެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު އިމޮން ކަޒި (32އ) އާއި މުހައްމަދު ޔޫސުފް ޕްރޮދަން (30އ) އަދި ކަޒި ރައިހާން (21އ) އެވެ. މި ތިން މީހުންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ. މި ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައިގައި ހިމެނޭ މުހައްމަދު އިމޮންގެ ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އިންޓަލިޖެންސް ރިޕޯޓްގައި ބަޔާންކުރާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި މުހައްމަދު ޔޫސުފް ޕްރޮދަން އަދި ކަޒި ރައިހާން ބައިވެރިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން އިންޓަލިޖަންސް ރިޕޯޓަށް ބާރުދޭ އިތުރު ޑިޕޮސިޓް ސިލްޕް ހިމެނޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.