މަޓާޓޯ އިން ދި މޯލްޑިވްސް ފައިންޑާ މަޖައްލާގެ މީޑިއާ ކިޓް ތައާރަފްކޮށްފި
އަވަސް
29 ޑިސެމްބަރު 2025 | ހޯމަ | 1:57
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން، 2026 އަހަރުގެ "ދި މޯލްޑިވްސް ފައިންޑާ" މަޖައްލާގެ މީޑިއާ ކިޓް ތައާރަފްކޮށްފި އެވެ.
މި މަޖައްލާއަކީ ޓޫރިޒަމްގެ ވިޔަފާރި ފުޅާކޮށް ދުނިޔޭގެ އިތުރު މާކެޓްތަކަށް އިޝްތިހާރުވެ، އެ ވިޔަފާރިތަކާއި ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރުމަށް ވަރަށް އަގުހުރި މަޖައްލާ އެކެވެ. މި މަޖައްލާގެ ފުރަތަމަ މީޑިއާ ކިޓް ތައާރަފްކޮށް ހުޅުވައި ދެއްވީ އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން އެވެ. މި ހަފުލާގައި ބަދުރުއްދީން ވިދާޅުވީ މި މަޖައްލާއަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަށް ތަރައްގީކޮށް، ޓޫރިޒަމްގެ ސިނާއަތުގައި ދިވެހި ވިޔަފާރިތަށް ހާއްސަކޮށް ޓްރެވަލް އެޖެންސީތައް ފައިތިލަ ސާބިތުކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. މި މަޖައްލާއަކީ އަހަރަކު އެއްފަހަރު ޕްރިންޓްކޮށް އަދި ޑިޖިޓަލްކޮށް ނެރެން ހަމަޖެހިފައިވާ މަޖައްލާއެއް ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. އަދި "ދި މޯލްޑިވްސް ފައިންޑާ 2026" އަކީ މަޓާޓޯގެ ރަސްމީ ފަތުރުވެރިކަމުގެ މަޖައްލާވެސް މެއެވެ. މި މަޖައްލާގެ މައިގަނޑު މަގުސަދަކީ މަޓާޓޯގެ މެންބަރުން އިޝްތިހާރު ކުރުމާއި، މި ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ވިޔަފާރިތައް ކަމާ ގުޅުންހުރި ބޭރުގެ ޓުއާ އޮޕަރޭޓާސް، ޓްރެވެލް އެޖެންޓްސް، އެއާލައިންސް، އިންވެސްޓަރުން އަދި ކަމުގެ ގޮތްނިންމޭ ފަދަ ބޭފުޅުންނާއި ގުޅުވައިދިނުން ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. މައިގަނޑު މާކެޓުތަކުން ބައިވެރިވުން އިތުރުކުރުމަށްޓަކައި މި މަޖައްލާ މައިގަނޑު ގޮތެއްގައި ތައްޔާރުކުރެވެނީ އިނގިރޭސި ބަހުން ނަމަވެސް، ޔޫރަޕާއި މެދުއިރުމައްޗާއި ސީއައިއެސް ގައުމުތަކާއި އޭޝިއާގެ ތެރޭގައި ހިމެނޭ ޓްރެވަލް ޓްރޭޑްގެ ފަންނާނުންނާ ސީދާ ގުޅުން ގާއިމުކުރުމަށް އެޑިޓޯރިއަލް އަދި އިޝްތިހާރުގެ ބައެއް ކޮންޓެންޓް އަރަބި، ރަޝިޔާ އަދި ޗައިނާ ބަހުން ވެސް ލިބެން ވަނީ ހިމަނާފަ އެވެ. މި މަޖައްލާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ އެގްޒިބިޝަންތަކާއި ޓްރޭޑް ފެއާތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ކުރިއަށްދާ މިޝަންތަކާއި ރޯޑްޝޯތަކުގ އިތުރުން މަޓާޓޯއިން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބެހުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރިސޯޓުތަކާއި ހޮޓާތަކާއި އެއާޕޯޓުތަކާއި ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކަށްވެސް މި މަޖައްލާ ބެހުމަށް ވަނީ ނިންމާފަ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި ޓްރެވަލް ޓްރޭޑްއަށް އިތުބާރު ހިފޭ ބިޒްނަސް ޓު ބިޒްނަސް ރެފަރެންސެއްގެ ގޮތުގައި މި ޕަބްލިކޭޝަން ބަހައްޓާނެ ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. ވިޔަފާރީގެ ކުރިއެރުންތަކަށް އެހީތެރިވުމަށްޓަކައި ތައްޔާރުކޮށްފައިވާ މި ޕަބްލިކޭޝަނުން އިޝްތިހާރުކުރާ ފަރާތްތަކަށް ރާއްޖެއާ ގުޅުންހުރި މޮޅެތި ބްރޭންޑް ޕޮޒިޝަންތަކާއި ޕްރިންޓް އަދި ޑިޖިޓަލް ދެ ޕްލެޓްފޯމް މެދުވެރިކޮށް ދިގު މުއްދަތުގެ އެކްސްޕޯޝާ އާއި، މާޓޯގެ ކޮމިއުނިކޭޝަން ޗެނަލްތަކުން އިތުރަށް ފެނިގެންދިއުމުގެ ފުރުސަތު ލިބިގެންދާނެކަން މަޓާޓޯ އިން ފާހަގަކުރެ އެވެ. މި އެޑިޝަނުން ދިވެހި ފަތުރުވެރިކަމުގެ ޒަމާނީ އަދި ހުރިހާ އެންމެން ހިމެނޭ ތަފާތު ދިރާސާއެއް ހުށަހަޅާނެ އެވެ. މީގެ ތެރޭގައި ތަފާތު ތަޖުރިބާތަކާއި، ކޮމިއުނިޓީގެ ވާހަކަތަކާއި، އަންހެނުންނާއި ޒުވާނުންގެ ލީޑަޝިޕް، އަދި މި އިންޑަސްޓްރީއާ ބެހޭ މުހިންމު މައުލޫމާތާއި، މަޓާޓޯގެ މެމްބަރުންނާއި ފަތުރުވެރިކަމުގެ އުފެއްދުންތައް ހުށަހަޅައިދޭނެ އެވެ. "ދި މޯލްޑިވްސް ފައިންޑާ 2026" ބައިނަލްއަގްވާމީ ފެންވަރުގައި ރަސްމީކޮށް އިފްތިތާހުކުރާނީ އައިޓީބީ. ބާލިން 2026 ގައެވެ.