ބޯހިޔާވަހިކަމަށް އަންނަ މަހު ހުޅުވާލަނީ

އަވަސް

30 ޑިސެމްބަރު 2025 | އަންގާރަ | 7:43

އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފި އެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަޙައްދުން ފުލެޓު ދޫކުރުމަށް ނޮވެމްބަރު 16 ވަނަ ދުވަހު ޝާއިއުކުރި އުސޫލުތަކަށް މި މަހުގެ 28 ވަނަ ދުވަހު ވަނީ އިސްލާހުކޮށްފަ އެވެ. އެ ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު ވަނީ އިސްލާހުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ އެ އުސޫލުތަކުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 15 އިން އެޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ 2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީވެސް ރަސްމާލެއިންނެވެ.

ގޯއްޗާއި ފްލެޓް ދޫކުރަން ހުޅުވާލާނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް