ބޭރުން ގެންނަ ހާފިޒުންނާއި ގާރީންނަށް ސްޕެޝަލް ވީޒާ
އަވަސް
30 ޑިސެމްބަރު 2025 | އަންގާރަ | 8:58
އަންނަ ރޯދަމަހު މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުންނާއި ގާރީންގެ ފީއަކާ ނުލައި ސްޕެޝަލް ވީޒާ ދޫކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ހާފިޒުންނާއި ގާރީން ގެނައުމަށް އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދަ ލިބިފައިވާ ފަރާތްތަކުން ރާއްޖެ ގެނައުމަށް ބޭނުންވާ ހާފިޒުންނާއި ގާރީންގެ ވީޒާއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ދެއްކުމަކާ ނުލާ، އެފަރާތްތައް ރާއްޖެ އަންނަ ތާރީހުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ހާފިޒުންނާއި ގާރީން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ. ސްޕެޝަލް ވީޒާ ދޫކުރެވޭ ހާފިޒުންނާއި ގާރީންގެ އާއިލާ މެންބަރަކު ރާއްޖެ ގެންނަނަމަ އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސާޝިޕް ޑެކްލަރޭޝަން ހުށަހަޅައި ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ. އިމިގްރޭޝަނުން ބުނީ ހާފިޒުންނާއި ގާރީންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން "ސްޕޮންސާޝިޕް ޑެކްލަރޭޝަން" ހުށަހަޅައި، ހުއްދަލިބިގެން ރާއްޖެ އަތުވެއްޖެނަމަ އެ ފަރާތަކަށް ރާއްޖޭގައި ހުރުމަށް އޮން އެރައިވަލް "ޓޫރިސްޓު ވީޒާ" ދޫކުރެވޭނެ ކަމަށެވެ.