ބަނގުރަލުގެ މައްސަލައެއްގައި ހަ ބިދޭސީއަކު ޑީޕޯޓްކުރަނީ
އަވަސް
30 ޑިސެމްބަރު 2025 | އަންގާރަ | 11:39
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރި ކަމުގެ ކުށުގައި ހަ ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލޭގެ މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަނުގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި، ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި، ޗައުދަރީ (24އ) އާއި، މަކަރް ބަހާދުރް ޓަމަންގް (27އ) އާއި، ބިޝްވަނާތް ޗައުދަރީ (37އ) އާއި، ރަމްރި މާޔާ ވައިބާ (27އ) އެވެ. މި އެންމެންނަކީ ވެސް ނޭޕާލް މީހުން ކަމަށާއި މި އެންމެން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.