މާލީ އެހީއަށް އެދުނީ 57 މީޑިއާ، ޝަރުތު ހަމަވީ 41 މީޑިއާ

އަވަސް

30 ޑިސެމްބަރު 2025 | އަންގާރަ | 12:11

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 57 މީޑިއާއަކުން ހުށަހަޅައިފި އެވެ.

މީޑިއާތަކުން މާލީ އެހީ ހޯދުމަށް އެންމެ ފުރަތަމަ ހުޅުވާލީ ޔޫތު މިނިސްޓްރީންނެވެ. އޭރު ކުރިމަތިލި މީޑިއާތަކަށް މާލީ އެހީ ދިނުމަށް މިނިސްޓްރީން ނިންމި ގޮތުގެ ސަބަބުން ނޫސްތަކުގެ ފާޑު ކިޔުން ބޮޑުވެ މިނިސްޓްރީން ފަހުން ނިންމީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އެހާތަނަށް އުފެއްދުމާ ގުޅިގެން މީޑިއާތަކަށް އެހީ ދިނުމުގެ މަސައްކަތް އެ ކޮމިޝަނާ ހަވާލުކުރުމަށެވެ. އެމްއެމްބީސީ އިން އެ މަސައްކަތާ ހަވާލުވެ ދައުލަތުގެ ބަޖެޓުން އެހީ ބޭނުންވާ މީޑިއާތަކަށް އަލުން ހުޅުވާލުމުން އެ މުއްދަތު ހަމަވީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްބީސީ އިން ބުނާ ގޮތުގައި އެ ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވަނީ 41 މީޑިއާ އެކެވެ. މީޑިއާތަކުން ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ލިބުނު 8 ޝަކުވާ މުރާޖައާކުރުމަށްފަހު ތިން ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ. މީޑިއާތަކަށް މާލީ އެހީ ދިނުމުގައި ބަލަނީ މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށެވެ. އެމްއެމްބީސީން ބުނީ މާލީ އެހީ އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބުނު މާކްސް އެތަނުގެ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

މައުޟޫޢުތަށް