ހިރިމަރަދޫ ރައްޔިތުން ވޯޓުލާނީ ހަނިމާދޫ ރައްޔިތެއްގެ ގޮތުގައި
އަވަސް
30 ޑިސެމްބަރު 2025 | އަންގާރަ | 12:47
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު އިސްލާހު ކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާނީ ހަނިމާދޫ ރައްޔިތެއްގެ ގޮތުގައި ހަނިމާދޫ ކައުންސިލް ހޮވުމަށެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ގަރާރަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހަކީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަރުހަލާވެސް ހިނގަމުންދާ ދުވަސްވަރަށްވާތީ ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ބެލުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން މަގުފަހިކޮށްދިނުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު އިސްލާހު ކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ ފަޅުރަށެއް ކަމަށް ކަނޑައަޅުއްވައި، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފަ އެވެ. ގަރާރަށް ގެނެވުނު މި އިސްލާހަށް އަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން އާންމުކޮށް އިއުލާން ކުރާ ތާރީހުން ފެށިގެންނެވެ.