ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވައިފި

އަވަސް

30 ޑިސެމްބަރު 2025 | އަންގާރަ | 5:41

އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވައިފި އެވެ.

ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑް 19ގެ އާލަމީ ވަބާގެ ތެރެއިން 2020 ވަނަ އަހަރުގެ މާޗް މަހު އެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު ވަނީ މަރުހަބާ ކިޔާފަ އެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފަ އެވެ. ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ރިސޯޓު ބަންދުކުރިއިރު 500 އަށްވުރެ ގިނަ މުވައްޒަފުން އެ ރިސޯޓުގައި ވަޒީފާ އަދާ ކުރަމުންދިޔަ އެވެ.

މައުޟޫޢުތަށް