ރައީސްގެ މަންދޫބެއްގެ ގޮތުގައި ޚާލިދާގެ ޖަނާޒާއަށް ހައިދަރު

އަވަސް

31 ޑިސެމްބަރު 2025 | ބުދަ | 8:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ޚާލިދާ ޒިޔާ އިއްޔެ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، މިނިސްޓަރު ހައިދަރު، ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒާއު ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ޚާލިދާ ޒިޔާ އަވަހާރަވީ ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްޔެ ރޭ ފަތިހު އެވެ. ޚާލިދާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.

މައުޟޫޢުތަށް