އާ ޓާމިނަލުގައި ބެހެއްޓި އީގޭޓް ހިދުމަތް ބޭނުންކުރަން ފަށައިފި
އަވަސް
31 ޑިސެމްބަރު 2025 | ބުދަ | 4:36
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލުގައި ބެހެއްޓި އީގޭޓް ހިދުމަތް ބޭނުންކުރަން ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނ، އަހުމަދު ފަސީހް އެވެ. އިމިގްރޭޝަނުން ބުނީ މިވަގުތު އެރައިވަލް އަދި ޑިޕާޗާގައި ޖުމްލަ 10 އީގޭޓް ހަރުކޮށް ދިވެހިންނަށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު އެވެ. މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑާ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކަމަށް ރައީސް ވިދާޅުވި އެވެ. ވީއައިއޭގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލްއެއްގައި 10 ގޭޓް -- ޖުމްލަ 20 ގޭޓް ހަރުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.