ހިރިމަރަދޫ ރައްޔިތުން ވޯޓުލާ ދާއިރާ ބަދަލުކުރީ ނުފޫޒު ފޯރުވަން: އެމްޑީޕީ
އަވަސް
31 ޑިސެމްބަރު 2025 | ބުދަ | 4:59
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައި ވަނިކޮށް ރައީސް މުއިއްޒު ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު އިއްޔެ ވަނީ އިސްލާހު ކުރައްވާފަ އެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ހޯދުމަކާނުލާ، ކުރިއަށް އޮތް އިންތިހާބުގައި ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ކަނޑައެޅުމަކީ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި ގޮތަށް އަމަލުކުރީ ފާއިތުވި ނޮވެމްބަރު ހަތެއްގައި ހިރިމަރަދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެރަށުގައި ހިންގުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުމަށް ރައްދުގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރަނީ އެރަށުގައި މީހުން އަދި އުޅޭތީ ކަމަށާއި ރަށުގައި މީހުން ތިބޭއިރުގައި ޒަރޫރީ ހިދުމަތްތަށް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. "އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްޤަކަށް ވީހިނދު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން، އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަތުމަކީ މިޕާޓީއިން ކުށްވެރިކުރާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. މިއަދާ ހަމައަށްވެސް ހދ. ހިރިމަރަދޫގެ ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައިނުވާއިރު އިންތިހާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ ސަރުކާރުން އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިހާބީ ހައްޤާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްޤާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަކުރުކަން އަންނާނޭ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.