މިއަހަރު އިތުރު ކުރިއެރުމާއި ކާމިޔާބު ހާސިލްކުރާނެ: ރައީސް

އަވަސް

1 ޖެނުއަރީ 2026 | ބުރާސްފަތި | 12:05

ފެށިގެން މިދިޔަ އާ އަހަރު ވާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލްކުރާނޭ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބު ގައެވެ. ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންނަކީ، އެއް އަހަރަށް ވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލްކުރެވޭތޯ މަސައްކަތްކުރާ އަދި ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން ތާރީހުން ސާބިތުކޮށްދޭ ކަމަށެވެ. ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީހުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. "އަދި ކޮންމެ އައު އަހަރަކީވެސް ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ތިމާއަށް، ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަށް އަޒުމު އައުކުރުމުގެ ވަގުތު،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

މައުޟޫޢުތަށް