ސަރުކާރު ޕްރޮޖެކްޓްތަކަށް ބީލަން ހުށަހެޅުމަށް އެސްއެމްއީތަކަށް ލުއިތަކެއް ދެނީ
އަވަސް
31 ޑިސެމްބަރު 2025 | ބުދަ | 10:00
ސަރުކާރުން ހުޅުވާލާ މަޝްރޫއުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދިނުމަށްޓަކައި ބިޑް ކުރުމަށް މިހާރު އޮންނަ އުސޫލު އިސްލާހުކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އެ މިނިސްޓްރީން އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށް ވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލު ގެނައުމަށް މަޝްވަރާކުރަންޖެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި، ގާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، ޕްރޮކިއުމަންޓުގެ މަރުހަލާތައް މިހާރަށް ވުރެ ލުއި ފަސޭހަކޮށްދިނުމާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެ ގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހާއްސަ އިސްކަމެއް ދީގެން އެފަދަ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލް ކުރާނެ ފަސޭހަ ގޮތެއް މީރާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ. މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަންވެސް ފާހަގަކޮށްފަ އެވެ.