ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ދޫކުރުން ބަލައިނުގަނެވޭނެ: ފައްޔާޒު
އަވަސް
31 ޑިސެމްބަރު 2025 | ބުދަ | 6:00
ދިވެހި ބިމުން އެންމެ އިންޗިއެއްވެސް ދޫކުރުން އެމްޑީޕީން ބަލައިނުގަންނާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ބިމުގެ މައްސަލައިގައި ވާހަކަދައްކަވާފައި މިވަނީ ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ރިޕޯޓު ކުރި ހަބަރަކާ ގުޅިގެންނެވެ. ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރާ ކަމަށްވެސް ފައްޔާޒު ތުހުމަތު ކުރައްވާފައިވެ އެވެ. އަދި ވިދާޅުވީ 2015 ވަނަ އަހަރުވެސް ސަރުކާރުގެ މިހާރުގެ ވެރިން މަޖިލީހުގައި ތިބިއިރު، އެ މީހުން ވޯޓު އަޅައިގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި ކަމަށެވެ. "ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވަނީ ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާސީ މުވައްޒަފަކުވެސް ޕީއެންސީގައި ނެތީތޯއޭ ވިދާޅުވެ ސުވާލުކުރައްވާފަ އެވެ. މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރައްވަމުން ގެންދަވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.