ޔާމީންގެ މަރުގެ މައްސަލަ: ހައިކޯޓުން ދޫކޮށްލި ދެ މީހުން އަލުން ބަންދަށް
އަވަސް
31 ޑިސެމްބަރު 2025 | ބުދަ | 7:20
ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންނަށް އިއްވާފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރުމުން އެ ދެ މީހުން މިނިވަންވެފައި ވަނިކޮށް އަލުން އެ ދެ މީހުން ބަންދުކޮށްފި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލީ ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި، މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. މީގެތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖެނުއަރީ 19، 2022 ގައެވެ. މި މައްސަލައިގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލާގައި މިއަދު ކޯޓުން ވަނީ އެ މީހުންގެ ހުކުމް ބާތިލުކޮށް، އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވި މީހުންގެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ޕީޖީ އޮފީޙުން ބުނީ ހައިކޯޓުގެ މި ނިންމުމާ ގުޅިގެން ހައިޝަމް އާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެ މީހުންވެސް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. ޔާމީން މަރާލާފައި ވަނީ އެޕްރީލް 23، 2017 ވަނަ ރޭ މެންދަމުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ސިނޑި ގޮޅި ތެރެއިން ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.