ނުބަލައި ހުތުބާ ދޭން ހުޅުވާލައިފިނަމަ ނުތަނަވަސް ހާލަތަކަށް ވެއްޓިދާނެ: ޝަހީމް

އަވަސް

3 ޖެނުއަރީ 2026 | ހޮނިހިރު | 9:45

ނުބަލައި ހުކުރު ހުތުބާ ދިނުމަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ހުކުރު ހުތުބާއާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގަ އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ހުކުރު ހުތުބާއަކީ ކޮންމެހެން އެއް މައުޟޫއަކަށް ލިޔެގެން ހުރިހާ މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. ހުކުރު ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ހުތުބާ ދިނުމުގެ ހުއްދަ ދިނުމާއެކު އެ މީހަކަށް ފެންނަ އެއިރެއްގެ ހާލަތާ ގުޅޭ މައުޟޫއެއް އިހުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ. ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ހުތުބާ ކިޔުން ލާޒިމްކުރަނީ އާންމު ގޮތަކަށް ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ގައުމުތަކުގައިކަން ފާހަގަކުރެވޭ ކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ. އެ ޕޯސްޓަށް ރައްދު ދެއްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުރިހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން ކަމަށެވެ. "ވަރަށް މަދު އިލްމުވެރިޔަކަށް އަމިއްލައަށް ނުބަލާ ހުތުބާ ދިނުމުގެ ގާބިލްކަން ހުންނަނީ. އެކަމަށް މިހާރުވެސް ހުއްދަ އޮވޭ. ނަމަވެސް މިފަދައިން ހުތުބާ ދެއްވާ ބައެއް ބޭފުޅުންވެސް ހުތުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަޙަތަކަށް ގެއްލުންވޭ،" ޝަހީމް ވިދާޅުވި އެވެ. މީގެ އިތުރުން ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ ކަމަށާއި އެކަމަށް ޖާގަ ނުދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލުކުރަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށް އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. "ތިޔަ ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާއަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ،" ޝަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް