ސަރުކާރުން އުޅެނީ ވޯޓުން ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމަށް: ފައްޔާޒު

އަވަސް

4 ޖެނުއަރީ 2026 | އާދިއްތަ | 9:55

ގައުމީ ބޮޑު ދެ އިންތިހާބެއް އެއްކޮށްލުމަށް ސަރުކާރުން އުޅެނީ ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުމަށް ދައުރުން ބޭރުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ. އެ އިސްލާހާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ. އަދި ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް ކަމަށާއި ވޯޓާ ގުޅުންހުރި ކަންކަމުގައި ހަރަދު ކުޑަކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެ މަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބު ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރަން އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވަންވީ 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު އުވާލުން ރަނގަޅު ކަމަށެވެ. "ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭނެ ހެޔޮ ނިޔަތެއް އޮތްނަމަ މަޖިލިސް އިންތިހާބު ސްޓެގަރކޮށް، ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެނޭ. އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއް،" ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވަނީ ހަރަދު ކުޑަކުރަން އިންތިހާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްްކަން ސާފުވާ ކަމަށާއި ހެޔޮ ނިޔަތުގައި ހަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ ދެ އިންތިހާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއްކަންވެސް ފާހަގަކުރެއްވި އެވެ. މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށާއި ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް