ދެ އިންތިހާބު އެއްކޮށްލުމަކީ ބޮޑު ގޯހެއް: ޔާމީން

އަވަސް

5 ޖެނުއަރީ 2026 | ހޯމަ | 9:51

ގައުމީ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހުގެ ތަޅުމަށް ބިލެއް ހުށަހަޅާފަ އެވެ. ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަކީ މުޅިން ވަކިކުރެވިފައިވާ އަދި މުޅިން ދެ މަސައްކަތެއް ކުރާ ދެ ބާރެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ހިންގުން ކަމަށްވާއިރު މަޖިލީހުގެ މައިގަނޑު މަސައްކަތަކީ ގާނޫނުތައް ހެދުމާއެކު ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވާތީ މި ދެ ބާރުގެ އިންތިހާބުގައި އެކުގައި ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ. ރައީސް ޔާމީން ވިދާޅުވީ ގާނޫނުއަސާސީ މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ މަގާމަށް އިންތިހާބުވާތާ ހައެއްކަ މަސް ދުވަސް ފަހުން ކަމަށްވާތީ އެއީ ސަރުކާރު ހިންގާ ގޮތް ވަޒަންކުރުމަށްފަހު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ދިނުމާ މެދު ރައްޔިތުންނަށް ގޮތެއް ނިންމަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. "އެހެންވީމާ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރައިސޫލްޖުމްހރިއްޔާ އިންތިހާބު އެއްކޮށްލުމުގައި އަޅުގަނޑަށް ބޮޑެތި ގޯސްތައް ފެނޭ،" ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްތައް ވަޒަންކުރުމަށްފަހު މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް މިހާރު އޮންނަ ފުރުސަތު މުޅިން ގެއްލި ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް އިންތިހާބު ކުރުމަކީ ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑަކަށް ނުވިސްނޭ މި ބަދަލު ގެންނަންޖެހޭ ހިކުމަތެއް،" ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ ބޮޑު ދެ އިންތިހާބުކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނާ ކަމަށެވެ. އެކަމަކު އެ ބަދަލާ އެކު ރައްޔިތުންނަށް ލިބިގެންވާ ހައްގެއް އަދި ބޮޑު މަސްލަހަތެއް ގެއްލިގެންދާ ކަމަށެވެ.

މައުޟޫޢުތަށް