ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި އިސްލާހު ބަލައިގަނެފި

އަވަސް

5 ޖެނުއަރީ 2026 | ހޯމަ | 1:57

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރްޒޫގު އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ދިރާސާކުރަން ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. މި ބިލުގައިވާ ގޮތުން ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖައަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަ އެވެ. މި ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި 7 މަސް އަދި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ކުށުގެ ބާވަތަށް ބަލައި 4 އަހަރާ ހަމައަށް އަދަބު ބޮޑުކުރެވޭއިރު، އެންމެ ކުޑަ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ޖުވާ ކުޅުމަކީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ސްކީމެއްގައި އިލެކްޓްރޯނިކްކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް ހިންގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް އެކަމަކުން ނުކުންނާނެ ވަކި ނަތީޖާއެއް ލިބިގަތުމުގެ މުގާބިލުގައި މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމެވެ. މީގެ ތެރޭގައި މުނިފޫހިފިލުވުމުގެ ނުވަތަ ކުޅިވަރުގެ ބޭނުމަށްޓަކައި އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމާއި އެފަދަ މުބާރާތްތަކުގައި ހިމެނޭ ބައިވެރިންނަށް ފައިސާގެ ނުވަތަ އެނޫންވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުން ނުހިމެނޭ ކަމަށް އިސްލާހުގައިވެ އެވެ.

މައުޟޫޢުތަށް