ދެ އިންތިހާބު އެއްކޮށްލާ އިސްލާހު ބަލައިގަނެފި
އަވަސް
5 ޖެނުއަރީ 2026 | ހޯމަ | 2:07
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ. މި ބިލް ބަލައިގަންނަން ފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން މިިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އިސްލާހުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ރިޔާސީ އިންތިހާބާއެކު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށްވެސް އިސްލާހުގައިވެ އެވެ. އިސްލާހުގައިވާ ގޮތުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ޑިސެމްބަރު 1، 2028 އަށް ހަަމަވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އިސްލާހާ ގުޅިގެން މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވަންޖެހޭ އިންތިހާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި އެ މަގާމުތަކަށް މީހުން އިންތިހާބުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ޑިސެމްބަރު 1، 2028 ގެ ކުރިންކޮށް ނިންމައި އެ ތާރީހުގައި އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.