މީޑިއާތަކަށް ފައިސާ ދޫކުރަން ފޮނުވައިފި
އަވަސް
5 ޖެނުއަރީ 2026 | ހޯމަ | 11:09
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި އެވެ.
މީޑިއާތަކުން މާލީ އެހީ ހޯދުމަށް އެންމެ ފުރަތަމަ ހުޅުވާލީ ޔޫތު މިނިސްޓްރީންނެވެ. އޭރު ކުރިމަތިލި މީޑިއާތަކަށް މާލީ އެހީ ދިނުމަށް މިނިސްޓްރީން ނިންމި ގޮތުގެ ސަބަބުން ނޫސްތަކުގެ ފާޑު ކިޔުން ބޮޑުވެ މިނިސްޓްރީން ފަހުން ނިންމީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އެހާތަނަށް އުފެއްދުމާ ގުޅިގެން މީޑިއާތަކަށް އެހީ ދިނުމުގެ މަސައްކަތް އެ ކޮމިޝަނާ ހަވާލުކުރުމަށެވެ. އެމްއެމްބީސީ އިން އެ މަސައްކަތާ ހަވާލުވެ ދައުލަތުގެ ބަޖެޓުން އެހީ ބޭނުންވާ މީޑިއާތަކަށް އަލުން ހުޅުވާލުމުން އެ މުއްދަތު ހަމަވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްބީސީ އިން ބުނާ ގޮތުގައި އެ ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާ އެކެވެ. އެކަމަކު ފައިސާ ދޫކުރަން ކޮމިޝަނުން ޔޫތު މިނިސްޓްރީއަށް އެންގީ 39 މީޑިއާ އަކަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއް ފާހަގަކުރެވިގެން އެ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެވެންދެން އެ ދެ މީޑިއާއަށް ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ޔޫތް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ. މައްސަލަ ހައްލުވުމާ އެކު އެ ދެ މީޑިއާގެ ތެރެއިން ކޮންމެވެސް އެއް މީޑިއާއަކަށް ފައިސާ ލިބޭނެ ކަމަށްވެސް ބުންޏެވެ. މީޑިއާތަކަށް މާލީ އެހީ ދިނުމުގައި ބެލީ މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށެވެ.