ދައުރުން ބޭރު ޖަލްސާތައް އެމްޑީޕީން ބޮއިކޮޓްކޮށްފި

އަވަސް

6 ޖެނުއަރީ 2026 | އަންގާރަ | 7:49

ދައުރުން ބޭރުން މިހާރު ބާއްވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޮއިކޮޓްކޮށްފި އެވެ.

މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން ޖަލްސާތައް ބާއްވަން ފެށީ އިއްޔެގައެވެ. އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މިހަފްތާގެ ނިޔަލަށް ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ކުރިއަށް ގެންދިއުމަށްވެސް މަޖިލީހުން ވަނީ ނިންމާފަ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) ވިދާޅުވީ މަޖިލީހުން މިހާރު ބާއްވާ ޖަލްސާތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރިއަށް ގެންދާ ޖަލްސާތަކެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އެހެންވެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކާ ދެކޮޅު ހެދުމުގެ ގޮތުން އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށްވެސް ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ މަޖިލީސް ޗުއްޓީގައި އޮއްވައި އެކަށީގެންވާ ވަގުތާ އެކު ނޯޓިސެއް ނުދީ، ދައުރުން ބޭރު ޖަލްސާތައް ބާއްވަނީ ގާނޫނު އަސާސީއަށް ގެންނަން އުޅޭ އިސްލާހުތައް އަވަހަށް ފާސްކުރުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. ރައްޔިތުން ތަމްސީލް ކުރުމަށް ލިބިފައިވާ ހައްގަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުން އަމަލުކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ. ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާއި، ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމަށާއި، އެޗްއާރުސީއެމްގެ ރައީސަކަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ނިންމުމަށެވެ.

މައުޟޫޢުތަށް