ހަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލަނީ އެހެން މަގުސަދެއްގައި: ފައިސަލް
އަވަސް
6 ޖެނުއަރީ 2026 | އަންގާރަ | 6:38
ހަރަދު ކުޑަ ކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ އެހެން މަގުސަދެއް އޭގައި ހިމެނޭ ކަމެއް ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރު ކަމަށާއި ޒިންމާދާރު މަޖިލީހެއް އޮތުމުގެ ފައިދާ ކުރާނީ ސީދާ ރައްޔިތުުންނަށް ކަމަށެވެ. "ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އާއި، ޤާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކަކީ، ހުރިހާ ބާރުތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް. މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާތަކުގެ މައްޗަށް ގަދަވެގެން ދޭ. މިކަހަލަ ބަދަލުތަކުން ރައްޔިތުންނަށް ވާނެ މޮޅެއް އޮންނާނެ ކަމަކަށް ނުފެނޭ،" ފައިސަލް ނަސީމް ވިދާޅުވި އެވެ. ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަން ހުއްޓާލަން ޖެހެ އެވެ. އަދި ސީދާ އެކަމުން ގައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. "ހާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަގާމުތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ހަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްތޯ އެބަ އެނގޭ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ވަކި ބަދަލުތަކެއް ގެނެސްގެން، އިންތިޚާބު ކާމިޔާބު ކުރަން މަގު ފަހި ކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައްތަކެއް ހިނގާނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ތާއަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފިނަމަ އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށްކޮށް ޤައުމުގެ ހަމަޖެހުން ގެއްލި އަދި އިގުތިސާދަށް ލޮޅުން އަރާނެ ކަމަށެވެ. ފައިސަލްގެ ޕޯސްޓްގައި ވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު މިފަދަ މަސައްކަތް ކުރުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ. އެ ގޮތުން ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ޤައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުމަށް އެދިވަޑައިގެންފައިވެ އެވެ.