ފަޒީނަށް ދައުވާކޮށްފި
އަވަސް
7 ޖެނުއަރީ 2026 | ބުދަ | 6:35
ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން ވަނީ ފަޒީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާކަން ޔަގީންކޮށްދީފަ އެވެ. އެއީ ޖިންސީ ގޯނާކުރުމާއި ނުރުހުމުގައި ގައިގައި އަތްލުމުގެ ދައުވާ އެވެ. ފަޒީނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވި އެ މައްސަލަ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށް އަދި ފަޒީން މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް ބްރޯޑްކޮމްގެ މެންބަރު ކަމުން ފަޒީން އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގައިވާ ގޮތުން ފަޒީން ވަނީ ޖިންސީ ފުރައްސާރަ އަމާޒުވި މުވައްޒަފުގެ ނުރުހުމުގައި އޭނާގެ ގައިގައި އެކި ފަހަރު މަތިން އަތްލައި ރަސްމީ ނޫން މަސައްކަތްތަކުގައި އެ މުވައްޒަފަށް ގުޅައި ބޭއަދަބީކޮށް ވާހަކަވެސް ދައްކަވާފަ އެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ފާހަގަކޮަށްފައިވެ އެވެ. "ކޮމިޝަނުގެ ނައިބް ރައީސްގެ ގޮތުގައި ހުންނަވައި ކޮމިޝަނުގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދެއްކުމާއި އެ މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހްލާގީ މިންގަނޑާއި އަބުރުވެރިކަމާ ހިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމާއި އެ ކަމަކީ މެމްބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް މުހައްމަދު ފަޒީން ކޮށްފައިވާ ކަމަށް ބެލެވޭ ހަމަތަކެއް ކޮމިޓީއަށް ފާހަގަކުރެވުނު،" މަޖިލީހުގެ މައްސަލަ ބެލި ކޮމިޓީގެ ސިޓީގައި ބުނެފައިވެ އެވެ. ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަޒީނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައެއްގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ އެ މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީން މައްސަލަ ބެލީ ސިއްރުކޮށްގެންނެވެ.