ރަސްމާލެ ސައިޓް އޭ އިން 64 ހެކްޓަރުގެ ބިން ހިއްކައިފި

އަވަސް

7 ޖެނުއަރީ 2026 | ބުދަ | 9:28

ރަސްމާލެ ސައިޓް އޭ އިން 64 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމާލެ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 2025 ގަ އެވެ. ސައިޓް އޭ އިން 138 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 64 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. މިއީ މަޝްރޫއުގެ 47 ޕަސެންޓެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ރަސްމާލެ ހިއްކަން ފަށާފައިވަނީ ޑިސެމްބަރު 18، 2023ގަ އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

މައުޟޫޢުތަށް