އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރައްވައިފި
އަވަސް
7 ޖެނުއަރީ 2026 | ބުދަ | 3:53
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.
އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން ރަމީލާއަށް ރުހުން ދިނީ އިއްޔެ އޮތް މަޖިލީހުގެ ޖަލްސާ ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ އޮތް ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ އިއްތިފާގުންނެވެ. އެޗްއާރުސީއެމްގެ މެންބަރު ކަމަށް އާއިޝަތު ރަމީލާ އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރަމީލާ ގައުމީ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ.