ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑު އިސްލާހުކުރަނީ
އަވަސް
9 ޖެނުއަރީ 2026 | ހުކުރު | 4:00
ފަތުރުވެރިން ރަށްރަށުގައި އުޅޭއިރު ހެދުން އެޅުމާއި، އުޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އޮފީސް މަރާމާތަށްފަހު ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އަތޮޅު ތެރޭގެ ރަށްތަކަށް ކުރެއްވި ޒިޔާރާތުގައި ބައެއް ރަށްތަކަށް ދާ ފަތުރުވެރިން ހެދުން އަޅާފައި ތިބޭ ގޮތުގެ ޝަކުވާ ލިބެމުން ދިޔަ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ދީނީ ގޮތުން ބެލިނަމަވެސް އަހްލާގީ ގޮތުން ބެލި ނަމަވެސް ހިނގައިގެން ނުވާނެ ފަދަ ކަންކަން ބައެއް ފަތުރުވެރިންގެ ފަރާތުން ބައެއް ރަށްރަށުގައި ހިނގަމުންދާ ކަމުގެ ޝަކުވާ ލިބޭތީ ކަމާ ގުޅުން ހުރި ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށެވެ. "ރަށު ތެރޭގައި ޓޫރިސްޓުން އުޅޭއިރުގައި ހެދުން އެޅުމުގައި ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި، އެހެނިހެން ކަންކަމަށް މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތަކެއް ގެންނާން. ގެނެސް ދާދި އަަަވަހަށް ގެޒެޓް ކުރެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގަވައިދުތައް އިސްލާހު ކުރި ނަމަވެސް އެކަންކަން ތަންފީޒު ކުރަންޖެހޭ ފަރާތަކީ ކައުންސިލްތައް ކަމަށްވާތީ ކަންކަން އިސްލާހު ކުރެވޭނީ ކައުންސިލްތަކުން އެއްބާރުލުން ދީގެން ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގައި ސަފާރީތައް ބަނދަރު ކުރާތީ އެކަމުގެ ޝަކުވާތައް ވެސް ބައެއް ރަށްރަށުގެ ރައްޔިތުން ރައީސަށް ހުށަހަޅާފައިވާތީ ރަށާ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައި ސަފާރީތައް ބާއްވަންޖެހޭ ގޮތް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. "އެކަމަކު އެކަންވެސް ތަންފީޒު ކުރާނީ ނުވަތަ މޮނީޓާ ކޮށްދޭނީ ކޮން ބައެއްތޯ؟ ހަަމަ ކައުންސިލުން.. އެކަމަކު ދީނާއި އިދިކީލަ ފިކުރުގެ ވިސްނުން ހުރި ބައެއް އެ ކައުންސިލްތަކަށް ގެނެއްސިއްޔާ އެކަމެއް ނުބަލާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ލޯކަލް ޓޫރިޒަމްގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމާ އެކު އެ ދާއިރާގެ ތަރައްގީއަށް ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.