ގްރީން ޓެކްސް އާމްދަނީ 108 ޕަސެންޓް އިތުރުވެއްޖެ

އަވަސް

10 ޖެނުއަރީ 2026 | ހޮނިހިރު | 9:54

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ 108 ޕަސެންޓް އިތުރުވެއްޖެ އެވެ.

މީރާއިން އާންމުކުރި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އާމްދަނީގެ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 146.5 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ލިބުނެވެ. މިއީ 2024 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 70.4 މިލިއަން ޑޮލަރު (1.08 ބިލިއަން ރުފިޔާ) އަށްވުރެ 76 މިލިއަން ޑޮލަރު (1.17 ބިލިއަން ރުފިޔާ) އިތުރުވުމެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. އެ ގޮތުން ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިއަކު ހުންނަ ކޮންމެ ދުވަހަކަށް މި ޓެކްސް ނަގަ އެވެ.

މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

މައުޟޫޢުތަށް