އޯއައިސީގެ ބައްދަލުވުމެއްގައި ހަލީލް ބައިވެރިވެވަޑައިގެންފި
އަވަސް
11 ޖެނުއަރީ 2026 | އާދިއްތަ | 7:40
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެވަޑައިގެންފި އެވެ.
މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވާ މިއީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ޤާނޫނަށް އެ ޤައުމުން އިޙްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ގޮވާލަމުންދާ ވަގުތެއްގައި، އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގުވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ހަލީލް ފާހަގަކުރެއްވި އެވެ.