ރާއްޖޭގައި 10،000 މީހުން މަސްތުގެ ވަބާގައި ޖެހިފައި!

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 9:06

މަސްތުވާތަކެތި ބޭނުންކުރާ 10000 މީހުން ރާއްޖޭގައި އެބަތިބި ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވީ ކަމާގުޅޭ އިދާރާތަކުން އެކުލަވާލާފައިވާ ރިޕޯޓްތަކާއި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 10،000 އެއްހާ މީހުން މަސްތުގެ ވަބާގައި ޖެހިފައިވާ ކަމަށެވެ. ސިއްދީގު ވިދާޅުވި ގޮތުގައި އާބާދީގެ ނިސްބަތުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވަނީ ބޮޑު އާބާދީއެއް ކަމަށެވެ. އެކަމުގެ ތެރޭގައި ޒުވާނުންގެ އިތުރުން ދޮށީ އުމުރުގެ މީހުންވެސް ބައިވެރިވާ ކަމަށް ވިދާޅުވެ ސިއްދީގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. "ގާތްގަނޑަކަށް ހުރިހާ ރަށެއްގައިހެން މަސްތުވާތަކެތީގެ ކޮންމެވެސް ގުޅުމެއް އޮތް ބަޔަކު ތިބެދާނެ،" ސިއްދީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޖަޒީރާ ގައުމަކަށް ވާތީ މަސްތުވާތަކެތި އެއް ރަށުން އަނެއް ރަށަށް އުފުލުމަށް ފަސޭހަ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ކަމާ ގުޅޭ އިދާރާތަކުން ބޮޑު ހޭދައެއް ކޮށްގެން މިމައްސަލަ ހުއްޓުވުމަށް ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ސިއްދީގު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ އާބާދީ އިތުރުވެފައިވާތީ އެ އެންމެން އެއް ތަނަކަށް ގެނެސް ފަރުވާ ދިނުމަކީވެސް ދައުލަތަށް އޮތް ބުރައެއް ކަމަށެވެ. އެކަމަކު ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް