ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5ގައި

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 12:43

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ނިންމައިފި އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އެވެ. ޕީއެންސީ އޮފީހާއި ޖަގަހަ ރަސްމީކޮށް ހުޅުވުމަށް މިމަހުގެ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިމިގެންދިޔަ އަހަރު ސަރުކާރު ހިންގުނު ގޮތާއި ކުރިއަށް އޮތް އަހަރަށް ކަންކަން ރޭވިފައިވާ ގޮތް ރިޔާސީ ބަޔާނުގައި ވަރަށް ތަފުސީލުކޮށް ބަޔާން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ. ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

މައުޟޫޢުތަށް