އޮޕަރޭޝަން އަލިމަގު: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި
އަވަސް
12 ޖެނުއަރީ 2026 | ހޯމަ | 7:31
ފުލުހުން އިއްޔެ ހިންގި "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.
"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ފުލުހުންގެ އިއްޔެ ފެށި އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކުރި އެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.