ސިނގިރޭޓުގެ ވިޔަފާރިކުރާ ބިދޭސީ މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި
އަވަސް
12 ޖެނުއަރީ 2026 | ހޯމަ | 11:05
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ އެވެ. އޭނާ ހައްޔަރުކުރީ އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭ އެވެ. އޭނާގެ ބަންދަށް ކޯޓުން ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3،200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2،900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށާއި އޭނާ އުޅޭ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.