މާލޭ ސިޓީގައި ހުރި ގިނަ މައްސަލަތަކަށް އާދަމް އާޒިމް ހައްލު ހޯއްދަވައި ދެއްވި
އަވަސް
12 ޖެނުއަރީ 2026 | ހޯމަ | 3:46
މާލެ ސިޓީގެ މޭޔަރު ކަމުގައި އާދަމް އާޒިމް ވަނީ މާލެ ސިޓީގައި އުޅޭ މީހުންނަށް ދިމާވެފައިވާ ގިނަގުނަ ގޮންޖެހުންތަކަށް އަމަލީ ގޮތުން ހައްލު ހޯއްދަވައި ދެއްވާފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އިންތިހާބު ކުރުމަށް ޖެނުއަރީ 13، 2024 ގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވާ މަގާމާއި ހަވާލުވެ ވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް އާދަމް އާޒިމް ދަނީ ނަތީޖާ ދައްކަވަމުންނެވެ. އާދަމް އާޒިމްގެ މޭޔަރު ކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ މާލެ ސިޓީއަކީ ސާފުތާހިރު، އުޅެން ފަސޭހަ ތަނަކަށް ހެދުމަށެވެ. ހާއްސަ އިސްކަމެއް ދެއްވައިގެން އާދަމް އާޒިމްގެ މޭޔަރު ކަމުގައި ފެއްޓެވި އެއްކަމަކީ ވާރޭ ވެހުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތެވެ.
އެ ގޮތުން މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. މިއީ އެތައް ޒަމާނެއް ވަންދެން ސާފުނުކޮށް ހުރުމުން ކުނިބުނި އެޅި ފުރިފައިވާ ކާނުތަކެކެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ ޖެނުއަރީ 19، 2024 އިން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 235 މަގެއްގެ 33،002 ކާނު ސާފުކޮށް 2،597 ޓަނުގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ނަގާފަ އެވެ. އަދި 464 މަގު މި މުއްދަތުގައި މަރާމާތުކޮށްފައިވެ އެވެ. މާލޭގެ އިތުރުން ވިލިމާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އާދަމް އާޒިމްގެ މޭޔަރު ކަމުގައި ދެ ޕަމްޕް ގެނެސް އެމްއެންޑީއެފްއާ ހަވާލުކޮށް ވަނީ ބޭނުންކުރަން ފަށާފަ އެވެ.