ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
އަވަސް
12 ޖެނުއަރީ 2026 | ހޯމަ | 6:13
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ. މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.